ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފޯމް ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން!

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ވަނީ 18 ފޯމު ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އީސީން ޢާންމުކޮށް އިޢުލާން ކުރިތާ 12 ދުވަސް ވެފައިވާ ކަމަށެވެ.

އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސްކަން ހަނދާންކޮށްދެމުން ހަބީބް ވިދާޅުވީ އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ.

ހަބީބް ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް އެދި މިހާތަނަށް އީސީއަށް ލިބިފައި ވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

އީސީން ވިދާޅުވީ ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ އިއްޔެ އެ ކޮމިޝަނަށް ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމަށާއި   މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާއިރު އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު ގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހެއެވެ. ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހެއެވެ.

އީސީން ވަނީ އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފިނަމަ ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ނުލިބި ހިނގައިދާނެކަން ހަނދާންކޮށްދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!