ޚަބަރު އިޖުތިމާޢީ

ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ގަލޮޅު ދަނޑު. ފޮޓޯ: ސޯޝަލް މީޑިއާ

ނިމިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

މި މާރާމާރީ ހިނގާފައި ވަނީ ދަނޑުގައި ކުޅެމުން ދިޔަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީއިން ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ސަބަބުންނެވެ.

މި ހަމަނުޖެހުމުގައި ވަނީ ވިކްޓަރީ ޓީމުގެ ކޯޗު، ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދީފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައިގައި ފުލުހުން  މިފަހަރު ހައްޔަރުކޮށްފައި ވަނީ ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19 އެވެ. އަދި އޭނާ ބަންދަށް ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ވަނީ 15 ދުވަސް ޖަހާފައިއެވެ.

ފުލުހުން ވަނީ ހުކުރު ދުވަހު މި ހަމަނުޖެހުމާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ފައިވްރޯސް، ގދ. ތިނަދޫ، ރިކްޒު އާދަމް، 21 އާއި ހ. ހިލްޓަން، މާލެ، އިބްރާހިމް އަލީފް ރައޫފް، 34 އެވެ.

މި ދެމީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައިއެވެ.

ހަމަނުޖެހުން ހިންގަން މެދުވެރިވީ ކުޅުންތެރިއެއް ފައުލް ކުރުމުން ރެފްރީ އެ ކުޅުންތެރިޔާ އަށް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑެއް ދެއްކުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!