ޚަބަރު ރައްޔިތުންގެ މަޖިލިސް

އިންޑިއާ ސިފައިން އެރި ދޯނިތަކުގެ މަސްވެރިންނަށް ނަފްސާނީ އަސަރުކޮށްފައިވޭ: ޝިޔާމް

ޙައްވާ އިނާޝާ ، ދެން އޮންލައިން
މަޖިލީހުގައި މިނިސްޓަރު ޝިޔާމް/ ފޮޓޯ: މަޖިލީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާ ސިފައިން ހަތިޔާރާއެކު އެ ދޯނިތަކަށް އަރާ ހަރަކާތްތެރިވުމުގެ ސަބަބުން އެ ދޯނިތަކުގެ މަސްވެރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ބޭރު ގައުމެއްގެ ސިފައިން ދިވެހި މަސްދޯނިތަކަށް އެރުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ގޮތަކީ ކޮބައިތޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މީކާއީލް ނަސީމް ސުވާލު ކުރެއްވުމުން ޝިޔާމް ވިދާޅުވީ މިފަދަ ހާދިސާއެއް ތަކުރާރުވެ  ނުދިނުމަށްޓަކައި ސަރުކާރުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އެގޮތުން މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެމްއެންޑީއެފްގެ ސާވެޔަލެންސް ވަރުގަދަ ކުރުމާއި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުުރުން ޝިޔާމް ވަނީ އެމްއެންޑީއެފުން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

އިންޑިއާ ސިފައިން އެރި ތިން ދޯނީގެ ތެރެއިން އެއް ދޯނީގެ ކެޔޮޅާއި މަސްވެރިންނާއި ބައްދަލު ކުރެވުނު ކަމަށާއި އެ ބޭފުޅުންނަށް ނަފްސާނީ ގޮތުން އޭގެ އަސަރުކޮށްފައިވާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިގޮތުން އެކަމުގައި މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކުރައްވާ އެ ކަމުގައި ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3، ނިރު7 އަދި މާހޯރަ3 މި ތިން ދޯންޏަށް އިންޑިއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އަރާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެ ދޯނިތަކުގައި ހަތިޔާރާއެކު ބޭރުގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ވައިރަލްވެފައެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ސިފައިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސެކިއުރިޓީވެސް ވަރުގަދަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!