ޚަބަރު

ގައުމަށް ހިދުމަތްކުރުމަކީ ލިބޭ އުފަލަކަށް ހަދަންޖެހޭ : ނައިބް ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރޭ ބޭއްވި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބު ރައިސް ވާހަކަފުޅު ދައްކަވަނީ

ކޮންމެ ދިވެހި ދަރިއަކުވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ގައުމަށް ހިދުމަތްކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު އެހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުތާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ގައުމުގެ މަސްލަހަތު އިސްކުރުމާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުން ފަދަ ދަރުސްތައް ލިބިގެންދާކަމުގައެވެ.

އަލިރަސްގެފާނުގެ ޖިހާދުގެ ޢިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަހަރުގެ ޝަހީދުންގެ ދުވަހު ދެއްވި ހިތޯބަކީ ކިޔަވާކުދިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެފަދައިން އުގަންނައިދޭންޖެހޭ ފިލާވަޅުތަކެއް ހިމެނޭ ގައުމީ ހިތާބެއްކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ އެމަނިކުފާނު ވަނީ މި ދުވަހަށް ދޭންޖެހޭ ހާއްސަ ދަރަޖަ ދެއްވައިގެން ގައުމީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރައްވަން އަލުން ފެއްޓެވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހި ތާރީހުގައި ރަން އަކުރުން ފެވިފައިވާ އަލިރަސްގެފާނުގެ ގުރުބާނީ އަކީ ތާއަބަދަށް ހަނދާން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އެއީ ދިވެހި ގައުމާއި، އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!