ޚަބަރު

ބޮޑެތި މަޝްރޫއުތައް ހިންގަން ފެށުމުން ޑޮލަރު ތިޔާގިވާނެ: ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން
ރައީސް ގައުމާ މުހާތަބު ކުރައްވަނީ

ރާއްޖޭގައި ބިޔަ މަޝްރޫއުތައް ފެށި އިންވެސްޓުތައް އަންނަން ފެށުމުން ޑޮލަރު ތިޔާގިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

Ads by STELCO

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރުން ގެނެސްދޭ ރައީސަށް ސުވާލުކުރާ ޕްރޮގްރާމްގައި ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރުކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

"ވަރަށް ހާލުގައި އާންމު މީހުން ޑޮލަރު ހޯދަން މި ޖެހެނީ. އާސަންދައިން ޓިކެޓު ދިނަސް ވެސް އަދި ސަލާމްޖަހަން ޖެހެނީ. އެ ލިބޭ 500 ޑޮލަރަކުން ނުއެއްވޭ. އެހެންވީމައި މިއަށްވުރެ ރަނގަޅު ގޮތަކަށް މިކަން ހަމަޖައްސައިދެވޭނީ ކޮންއިރަކުންތޯއޭ،" ސަމީރު ސުވާލުކުރިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ, ޑޮލަރުގެ ތާށިކަން ހައްލުވާން އޮތީ އިގްތިސޯދީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ. 

"ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގަން ފެށީމާ އަދި އިންވެސްޓްމެންޓުތައް ގިނަވާން ފެށީމާ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގިވާނެ. އިދާރަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސް ވާނެ ފަސޭހަ ވާނެ," ރައީސް ވިދާޅުވިއެވެ. 

ސަމީރު ވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމް ގާއިމްކުރާނީ ކޮން އިރަކުންތޯ ވެސް ސުވާލުކުރައްވައިފަ އެވެ. 

ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާ މަޝްވަރާކޮށްގެން އުންމީދުކުރަނީ މި އަހަރު ތެރޭގައި އެ އޭޓީއެމް ގާއިމްވެގެން ދިއުން ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަން ވީ ވައުދުތައް އަކުރުން އަކުރަށް ފުއްދަވާނެ ކަަމަށާއި އަނެއްކާ ވެސް އިންތިހާބެއް ބޯމަތިވުމުން ކުރަން ކަންކަން ނުބަހައްޓާނެ ކަމަށެވެ. މާފުށީ ބިން ހިއްކުން ވެސް ކުރިއަށް އޮތް ތަނުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!