ޚަބަރު

ގުޅިފަޅު ހިއްކުން ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއް

އައިކާ ޔުނާން ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އާންމުންނަށް ގޯތި ދިނުމަށް ކަނޑައަޅައި ހިއްކަންފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެއްޖެ އެވެ.

Ads by Hajj Corporation

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް އާންމު ފަރާތަކުން ވަނީ ހުށަހެޅި މައްސަލައާ ގުޅިގެން މަޑުޖައްސާލަން ހައިކޯޓުން ހުކުމް ކުރީ އިއްޔެއެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅާފައެވެ. ގުޅިފަޅު ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ އަމުރު ފަސްނުކޮށްފިނަމަ ދައުލަތަށް އިންތިހާއަށް ގެއްލުން ލިބޭނެ ކަމަށް ފާޅުކޮށް ފެންނަން އޮތް ކަމަށާއި ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުރީ ސަރުކާރުގެ ހައުސިން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބުނެފައިވާ ގޮތުގައި އޭގެ ސަބަބުން ދައުލަތުން ކޮންމެ ދުވަހަކަށް ތިން ލައްކައެއްހާ ޑޮލަރު ބޮސްކާލިސް ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!