އިސްތިއުފާ ދިނުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީގައި އަޑު އުފުލައިފި
ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީގައި މިރޭ އަޑުއުފުލައިފިއެވެ.
އިދިކޮޅުގެ ބައެއް ބޭފުޅުން ހިމެނޭހެން މިރޭގެ އަޑުއުފުލުމުގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ "ރާއްޖެއަށް ކޮވިޑް ގެނައި ސަރުކާރު އިސްތިއުފާ" ދެއްވުމަށާއި، "މާސްކު ވަގުންނާއި ވެންޓިލޭޓަރު ވަގުން" އިސްތިއުފާ ދެއްވުމަށެވެ.
މިރޭ ގާތްގަނޑަކަށް 19:30 ހާއިރު ފެށިމި އަޑުއުފުލުން މިހާރު ފުލުހުން ވަނީ ކޮންޓްރޯލްކޮށް، އެތަނުގައި ތިބި މީހުން ދުރަށް ވެސް ޖައްސާފައެވެ.
ސަރުކާރު އިސްތިއުފާއަށް ގޮވާލާ މިރޭ އަޑުއުފުލާފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި ސައިކަލު ބުރާއި ގުޅިގެން ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިހާރު ވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ.
ޝުޖާއު ފުލުހަށް ހާޒިރު ކޮށްފައިވަނީ މިފަދަ ބަލިމަޑުކަމެއް ފެތުރިފައިވާ ދަނޑިވަޅެއްގައި ގިނަ ބަޔަކު އެއްކޮށްގެން އަޑު ގަދަކޮށް މާސްކު ވެސް ނާޅާ ސައިކަލު ބުރު ޖެހިކަމަށް ބުނެ ކޮށްފައިވާ ތުހުމަތެއްގައެވެ.
މިރޭގެ އަޑުއުފުލުމާއި ގުޅޭގޮތުން "ދެން" އަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ އިދިކޮޅުގެ ވަރަށް ގިނަ ފަރާތްތަކުން ފުލުހަށް ހާޒިރު ކުރަމުން ދިޔުމާއި ގުޅިގެންް މިފެންނަނީ ސަރުކާރު ބަލިކަށިވަމުންދާ މަންޒަރު ކަމަށެވެ.
"ސަރުކާާރު ބަލިކަށި ވަނީ އިނގޭތޯ. ސަރުކާރު ޕްރެޝަރަށް ދާން ފެށިމަ މިކަހަލަ ކަންތައްތައް ފެންނާނެ. 2012 ގައި ވެސް މިކަހަލަ ގޮތަކަށް ދިޔަ. ހަމަ އެކަހަލަ ކަމެއް މިހާރު މިދަނީ. ރައްޔިތުން ޚިދުމަތެއް ނުދެވި ހަމައެއާއެކީގައި ކޮވިޑާއި ގުޅިގެން މީހުން އިންތިހާއަށް އިޤްތިސާދީ ގޮތުން ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި މިކަހަލަ ކަންތައްތައް ވާން ފެށީމަ ވަރަށް ދެރަ. އެނގިވަޑައިގަންނަވާނެ ކޮވިޑާއި ގުޅިގެން ވަރަށް ގިނަ ޚިޔާނާތުގެ މަައްސަލަތައް އެބައުޅޭ. ރައްޔިތުންނަށް އެއްވެސް ފައިސާއެއް ނުލިބި އެފައިސާތައް އެހެން ދިމަ ދިމާލަށް ދިޔުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް. އެކަންކަމާއި ރައްޔިތުން ކަންބޮޑުވެފައި މިތިބީ" އާދަމް ޝަރީފް ވިދާޅުވިއެވެ.