ގދ. ވާދޫގެ އިޤުތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ގދ. ވާދޫގެ އިޤުތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ.
އެގޮތުން މި ބައްދަލު ކުރެއްވުމުގައި ވާދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުޞަތު އިތުރު ކުރުމާއި ރަށުގެ އިޤުތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަމާއި، ބަނދަރުގެ ޖާގަ އިތުރު ކުރުމަށް ބޭނުންވާކަން ހާމަކޮށް ވަނީ މަޝްވަރާކުރައްވާފައެވެ.
ހަމަ އެހެންމެ މި ބައްދަލު ކުރެއްވުމުގައި ވާދޫގެ މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން މަގު ބޭނުން ކުރުމުގައި ހުރި ދަތިތަކާއި، އަދި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތަކާއި ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެ ރަށުގައި ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާ ކަމާއި، އައުޓްޑޯ ޖިމް، ފަތާ ޓްރެކް އަދި އ.ތ.މ. ކޮމިޓީއަށް އިމާރާތެއްގެ ބޭނުންތެރިކަންވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ވާދޫގެ ބިން ބޭނުންކޮށްގެން ރަށުގެ އިޤުތިޞާދު ކުރިއެރުވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ގާއިމު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާ ގުޅޭ އިންވެސްޓްމަންޓުތައް އެރަށަށް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގައި ނުފެށިހުރި މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ސަމާލުކަން ދެއްވާނެ ކަމަށާއި، އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.