ދުނިޔެ

ދުނިޔޭގެ އެންމެ މަތީ ކޯޓުން 57 އަހަރުވީ އިޒްރޭލުގެ އިސްތިޢުމާރު މައްސަލަ ބަލަން ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މަތީ ކޯޓުން 57 އަހަރުވީ އިޒްރޭލުގެ އިސްތިޢުމާރު މައްސަލަ ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް  ކުރިއަށްވުރެ ބޮޑަށް ދުނިޔޭގެ ސަމާލުކަމަށް އަންނަމުން އެބަދެއެވެ.

އެގޮތުން މީގެ ކުރިން ނުފެންނަ އަދަދެއްގެ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އިސްރާއީލުގެ އިސްތިއުމާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހަޅައި 19 ފެބްރުއަރީ 2024 އިން ފެށިގެން ކުރިއަށް އެބަދެއެވެ.

މިމަހު 16 ވަނަ ދުވަހު ހިއުމަން ރައިޓްސް ވޮޗުން ވެސް ބުނެފައި ވަނީ މި އަޑުއެހުންތަކުގައި އެ ޖަމްއިއްޔާއިން ބައިވެރިވާނެކަމުގައެވެ. އަނގަބަހުން ކުރިއަށް ގެންދާ މި ޝަރީއަތުގައި 52 ގައުމަކާއި ބައިނަލްއަގްވާމީ ތިން ޖަމިއްޔާއަކުން ބައިވެރިވާއިރު، 1946 ވަނަ އަހަރު ދުނިޔޭގެ އެންމެ މަތީ ކޯޓު ހިންގަން ފެށި ފަހުން މިއީ އެންމެ ގިނަ ފަރާތްތަކަކުން ބައިވެރިވާ ޝަރީޢަތެވެ.

މި މައްސަލައިގައި މިހާ ގިނަ ގައުމުތަކާއި ޖަމްއިއްޔާތަކުން ބައިވެރިވުމާއި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ޑޮކިޔުމެންޓްތަކުން ދައްކުވައިދެނީ އިސްތިޢުމާރުކޮށްގެން އުޅޭ ފަލަސްޠީނުގެ ބިމުގައި ބައިނަލް އަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް ވޭތުވެދިޔަ ދިގުމާޒީގައި އިޒްރޭލުން އެއްވެސް ވަރަކަށް އިޙުތިރާމް ކުރުމެއް ނެތި ދޫކޮށްލާފައި އޮތް އޮތުން ބަދަލުކޮށް ގަދަބާރުން އަތުލާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ބައިނަލްއަގްވާމީ ގާނޫނަށް އިހުތިރާމްކުރުން ކަށަވަރުކުރުމަށް ދިގު ޒަމާންތަކެއް ވަންދެން ކުރިމަތިވި ނާކާމިޔާބީއަށް ހައްލެއް ހޯދުމަށް ދުނިޔޭގެ ބާރު ބޮޑުވަމުންދާ ކަމެވެ.

"ވޭތުވެ ދިޔަ ފަސްދޮޅަހެއްހާ އަހަރު ވަންދެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ހިސޯރުކޮށް ބަނޑަށްޖައްސާ އަނިޔާކުރި މައްސަލައިގައި ފުޅާދާއިރާއެއްގައި ވިސްނަން ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ކޯޓު ތައްޔާރުވެއްޖެ" ކަމުގައި ހިއުމަން ރައިޓްސް ވޮޗަށް ގާނޫނީ ލަފާދޭ އިސް ވަކީލު ކްލައިވް ބޯލްޑްވިން ވިދާޅުވި އެވެ.

މި މައްސަލައިގައި ހުށެހެޅުންތައް ހުށަހަޅާ ސަރުކާރުތަކުން މި ތާރީޚީ ފުރުޞަތުގެ ބޭނުންކޮށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ، އިންސާނިޔަތާ ދެކޮޅު ނަސްލީ އިމްތިޔާޒުތަކާއި، ހިންގާ ޖަރީމާތަކާއި ކުރަމުންދާ ބޮޑެތި އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލަން ޖެހޭނެ ކަމަށް ވެސް ކްލީވް ބަލްޑްވިން ވިދާޅުވެފައި ވެއެވެ.

މި އަޑުއެހުންތަކުގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ. ގެ ޢާއްމު މަޖިލީހުން ކަނޑައަޅާފައިވާ އިސްތިޝާރީ ލަފަޔަށް ކޯޓުން ބަލާނެއެވެ.

އޭގެ ތެރޭގައި އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގައި ހިންގާފައިވާ ކަންކަމުގެ ޤާނޫނީ ނަތީޖާތަކައް ވެސް ބަލާނެއެވެ. ދިގުމުއްދަތެއް ވަންދެން އިޒްރޭލުން ފަލަސްޠީނު އަޅުވެތިކޮށްގެން ކޮށްފައިވާ ޤާނޫނާ ޚިލާފުކަންކަން ބެލުމުގެ ފުރުޞަތުވެސް ކޯޓަށް ލިބިގެންދާނެއެވެ.

މީގެ ތެރޭގައި އިންޓަނޭޝަނަލް ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާތަކާއި، ނަސްލީ ތަފާތު ކުރުންތަކާއި ވަކި ނަސްލަކަށްވީތީ ކުރާ ދަތިކުރުންތަކާއި އަނިޔާތަކަށް ވެސް ބަލާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެހެން ގައުމުތަކުންނާއި އދ. ގެ ފަރާތުން އިޒްރޭލަށް އެ އަނިޔާތަކުގެ މަސްއޫލިއްޔަތުތައް އުފުލަންޖެހޭ މިންވަރު ބަލާނެއެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް އިންޓަނޭޝަނަލް ކޯޓުން ނިންމާ ނިންމުންތަކަކީ އިޝްތިޝާރީ ރައުޔެކެވެ. ދައުލަތްތަކުގެ މައްޗަށް ލާޒިމުކުރެވޭ ޙުކުމެއް ނޫނެވެ.

ނަމަވެސް އެއީ އަޚުލާޤީގޮތުންނާއި ޤާނޫނީ ހަމަތަކުން ބަލާއިރު އިންޓަނޭޝަނަލް ޤާނޫނީ ޢުރުފަތެކެވެ. ބައިނަލްއަޤްވާނީ ޤާނޫނުގެ ދަށުން ކޮންމެ ޤައުމަކަށް ވެސް އަމިއްލައަށް ތަންފީޒުރުން ލާޒިމުވާ ހަމަތަކެކެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އިޖްރާއަތުތަކަކީ މީގެ ކުރިން ސައުތު އެފަރިކާއިން މި ކޯޓަށް ހުށަހެޅި މައްސަލައާ ތަފާތު މައްސަލައެކެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!