ޚަބަރު

ރޯދައިގައި އިންތިހާބު ބާއްވާނަމަ އީސީ މެންބަރުން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

އައިކާ ޔުނާން ، ދެން އޮންލައިން
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ހިލާފަށް ރޯދަ މަސްތެރޭގައި އިންތިހާބު ބާއްވައިފިނަމަ, އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ދީފިއެވެ.

Ads by Sosun Fihaara

މަޖިލިސް އިންތިހާބު މި މަހު 17 ގައި ބާއްވަން އީސީން ނިންމާފައި ވަނިކޮށް އެ ކޮމިޝަންގެ ވެސް މަޝްވަރާއާއެކު އެމްޑީޕީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިނުވެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައިގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕީޖީ ލީޑަރު, އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ބިލު ތަސްދީގުނުކޮށް އަލުން މަޖިލީހަށް ފޮނުވައިފިނަމަ އެއަށް ވުރެ ބޮޑު އަގްލަބިއްޔަތަކުން ފާސްކުރާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ފުރަތަމަ ފަހަރަށް ބިލެއް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލާފައި ވަނިކޮށް މަޖިލީހުގެ އަގުލަބިއްޔަތުން އެ ބިލު އޮތް ގޮތަށް ދެވަނަ ފަހަރަށް ފާސްކޮށްފި ނަމަ އެ ބިލު ތަސްދީގު ކުރައްވަން ރައީސްގެ މައްޗަށް ލާޒިމް ވާނެއެވެ.

އެ ހާލަތުގައި އިތުރަށް އަމަލުކުރާނެ ގޮތަކާމެދު ނޫސްވެރިން ސުވާލުކުރުމުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ, މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައި އޮތް ބިލެއް ރައީސް ތަސްދީގު ނުކުރައްވައޭ ވިދާޅުވެ މިހާރު ކަނޑައަޅާފައި އޮތް ރޯދަމަހުގެ ތާރީހުގައި އިންތިހާބު ބާއްވަން އީސީން ނިންމައިފި ނަމަ އީސީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ ރޫހާ ހިލާފަށް އެއްވެސް ކަމެއް ކުރަން ނޭދޭ ކަމަށާއި އިންތިހާބުގައި ރޯދައިގައި ބާއްވާނަމަ އޭގެ ސަބަބުން އީސީގެ މުއައްޒަފުންނާއި ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްގުތަކަށް ވެސް އުނިކަން ލިބޭނެ ކަމަށެވެ.

ރޯދަ މަހު އިންތިހާބު ބާއްވަން ޖެހޭތީ އެކަމާ ގުޅިގެން އީސީ މެންބަރުން ވެސް މީގެ ކުރިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި, އިންތިހާބަށް ތާރީހެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިގެން ގާނޫނު އިސްލާހުކުރަން ވެސް އީސީން އޭރު މަސައްކަތް ކުރިނަމަވެސް, މެންބަރުންގެ ތާއީދު އެކަމަށް ލިބިފައިނުވެއެވެ.

Ads by Ooredoo
  1. ކަލޭމެންގެ ބާރު އޮތަތީވެ ކަލޭމެން ތިދައްކާ ބިރަށް ސިހޭނެ ބަޔަކު ނެތް މިގައުމަކު އިނގޭ ލާދީނިއްޔަތަށް ރައްޔިތުން ބުނީ ނޫނެކޭ

    • މިތުރު

      ރޯދަމަހު ބާއްވާކަށް ތާއީދެއް ނުކުރެވޭ. އެމްޑީޕީއަކަސް ރަނގަޅުކަމެއް ވިއްޔާ ރަނގަޅުކަމަށް ގަބޫލުކުރަން ވާނެ

  2. މަޖިލީހުގެ މެމްބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ފެށީ އެމްޑީޕީއިން

  3. ކޮންމެ ބަޔަކު ބުންޏަސް ހަމަ ބުއްދި ހުރި މީހަކު ވިއްޔާ ވިސްނެންވާނެ އެވަރުގެ ބޮޑު ކަމެއް ރޯދަމަހު ބޭއްވުމަށްވުރެ އެނޫން މަހެއްގައި ބޭއްވުމުން ރއްޔިތުންނަށް އެތައްގޮތަކުން ފަސޭހަވާނެކަން. ސަރުކާރުވެސް ކޮންމެސްވަރަކަށް ގޮތް ދޫކޮށްބަލަ!