ޚަބަރު

ކޮވިޑް-19: މަޖިލިސް މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅައިފި އެވެ.

Ads by Hajj Corporation

މިކަން ހާމަކުރަމުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކޮށް ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން ހުށަހަޅާފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގެ ހަރަދުތަކުން 19 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!