ތިން މަހުގެ އިންކަމް ސަޕޯޓު އެލަވެންސަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރު މަހު ދޭ އިންކަމް ސަޕޯޓު އެލަވެންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ދެވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހާއި، އޯގަސްޓް މަހާއި އަދި ސެޕްޓެމްބަރ މަހަށް ކަމަށެވެ. އެލަވެންސްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި މި އެލަވަންސަށް ވީހާވެސް ގިނަ ފަރާތްތަކެއް އެދުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން، ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރ މަހުގެ އެލަވަންސަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ޖުލައި މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 15 ނިޔަލަށް އިތުރު ކޮށްފައިވާއިރު، އޮގަސްޓު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރު ކޮށްފައިވާއިރު، ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި އެލަވެންސަށް ޝަރުތު ހަމަވާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކެވެ.
މި އެލަވަންސްއަށް ހުށަހެޅުމަށް ދެވަނަ ބުރުގައި ހަމަޖެހިފައިވަނީ ހަމައެކަނި ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިން ފޯމަކުން ކަމަށާއި އަދި އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސް ގައި ރަޖިސްޓަރ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.