ޚަބަރު ސިޔާސީ

ކަންކަމުގައި ދެކޮޅު ހަދާ, ހުރަސް އަޅާނަމަ މަސައްކަތްތައް ލަސްވާނެ: ރައީސް 

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަންކަމުގައި ދެކޮޅު ހަދާ, ހުރަސް އަޅާނަމަ މަސައްކަތްތައް ލަސްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކައް ކުރައްވަމުންގެންދަވާ ދަތުުރުފުޅުގައި އަލިފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނަތީޖާ ނެރެދިނުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ކަންކަމުގައި ހުރަސް އަޅައި, އެއްބާރުލުން ނުދޭނަމަ މަސައްކަތްތައް ލަސްވާނެ ކަމަށެވެ.

"ނަތީޖާ ނެރެދެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިިގެން. އެހެންނެއް ނޫން ރެއާ ދުވާލު އަޅުގަނޑުމެންނާ ދެކޮޅު ހަދާ, ކަންކަމުގައި ހުރަސް އަޅާ, ގާނޫނުތަކާއި އެހެނިހެން ގޮތްގޮތުން ހުރަސްއަޅާ, އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރުވަންޏާ ކޮންމެ ގޮތެއް ވިޔަސް ދަތި ވާނެ, މަސައްކަތްތައް ލަސްވާނެ" ރައީސް ވިދާޅުވިއެވެެ.

ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރަން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެއްކި ވާހަކަތައް ހަނދާން އެބަހުރި ކަމަށާއި ވަޢުދުތައް ފުއްދައިދެއްވާނެ ކަަމަށެވެ.

އަލިފުއްޓަށް ކުރަން ނިންމާފައިވާ ކަންތައްތަކައް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ބިން އިތުރު ކުރުމުގެ މަޝްރޫއާއި, ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށްދީ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި މިހާރުވެސް ހެލްތް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އެކަމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން ވެސް އޮތީ ކަންކަން ކުރާ ޒާތަކަށް ނޫން ކޮށްފަ. އެ ތަފްސީލަށް ނުގޮސް ކަން ވާނެ ގޮތުގެ ވާހަކަ ދަންނަވަން މިއުޅެނީ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސް އާއި ކުނި ނައްތާލުމަށް ރަނގަޅު ފެންވަރުގެ މަޝްރޫއެއް ވެސް އަލިފުށީގައި ކުރިޔަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!