ޚަބަރު ސަރުކާރު

ހައިޑްރޮގްރަފީ ސާވޭ ހަދަން ބޭނުންވާ ވަސީލަތްތައް ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރާއްޖޭގެ ކަނޑުގެ ހައިޑްރޮގްރަފީ ސާވޭ އަމިއްލައަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.

Ads by STELCO

ރޭ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައިޑްރޮގްރަފީ ސާވޭ ހަދަން ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ ވަސީލަތްތައް ލިބުމުން ރާއްޖޭގެ ކަނޑުގެ ހައިޑްރޮގްރަފީގެ މަސައްކަތް ކުރާނީ ރާއްޖެއިން އަމިއްލައަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ހެދުމަށް އިންޑިއާއާ ހަވާލުކޮށް ހެދި އެއްބަސްވުމަށް ފާޑުވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ ކަނޑު އަޑީގެ ހުރިހާ ތަފުސީލަކީ ރާއްޖޭގެ ތަރިކަ މުދާ ކަމަށެވެ.

ރައީސް ވިދާޅުވީ "އެ ހުރިހާ ތަފުސީލެއް އެ ބޭފުޅުންނަށް ލިބޭ ގޮތަށް ސްކޭން ހަދައިގެން މެޕް ހަދައިގެން ގެންގޮސް އަދި އަޅުގަނޑުމެން ގަންނަން ވެސް ޖެހެނީ އެ ބޭފުޅުންގެ އަތުން،" ކަމަށެވެ.

މީގެ އިތުުރުން އެމަނިކުފާނު ވިދާޅުވީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޑިއާ ސިފައިން ޔުނީފޯމްގައި ވިޔަސް، އަދި ކުލަ ހެދުމުގައި ވެސް ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!