ޚަބަރު ސަރުކާރު

ހުޅުމާލެއިން 50 ވަރަކަށް ބިން ނުހައްގުން ދޫކޮށްފައި އެބަހުރި: ފަޒުލް

ފައިނާ ފާއިޒް ، ދެން އޮންލައިން
އެޗްޑީސީގެ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު - ފޮޓޯ: އެޗްޑީސީ

ހުޅުމާލެއިން 50 ވަރަކަށް ބިން ނުހައްގުން ދޫކޮށްފައިވާކަމަށް، ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، އެޗްޑީސީގެ އެމްޑީއަކަށް ހަވާލުވުމަށް ފަހު ފުރަތަމަ ބެއްލެވީ ހުޅުމާލެގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން ކުރެވެން ހުރި ކަންތައްތައް ކަމަށެވެ.

އަދި އެއަށް ފަހު ހުޅުމާލޭގެ ހުރިހާ ފިޔަވަހި ތަކުން ގޯތި ދޫކޮށްފައިވާ ގޮތް ބެއްލެވި އިރު ހުޅުމާލޭގެ އެކެއް އަދި ދެވަނަ ފިޔަވަހި، އަދި ނުހިއްކާ ބިންތަކުން 50 ގޯތި ވަނީ އެކިއެކި މީހުންނަށް ނުހައްގުން ދީފައިކަމަށް ފަޒުލް ވިދާޅުވިއެވެ.

"މިވާހަކަ ދައްކަން އެބަ ޖެހޭ. ކުރިއަށް އޮތްތާ އެ ފަރާތްތަކުގެ ނަންތައްވެސް ހާމަކުރާނަން"

ފަޒުލް ވިދާޅުވީ މި ސަރުކާރުން ބިން ދޫކުރާނީ ނިމިދިޔަ ސަރުކާރުން ދިންފަދައިން ނޫންކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ބިންވެރިޔާގެ ޕްލޮޓުތައް ދޫކުރާނީ އެ ބިން ހިތްކުމަށް ފަހުގައި ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ނުދެވެން ހުރި ބިންތައް ރިލޮކޭޓު ކޮށްގެން ނުވަތަ އެ ބިންތައް ހުސްކުރުމަށް ފަހު އެ ބިންތައް ދޫކުރާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި މަސައްކަތްތައް ނިމި ބިންތައް އެ ބިންތަކުގެ ހައްގު ވެރިފަރާތްތަކަށް ދޫކުރެވިގެން ދާނެކަމަށެވެ.

އަދި މަސައްކަތުގެ ތަރުތީބަށް ބަދަލު އައި ކަމުގައި ވީނަމަވެސް މި މަސައްކަތައް އެއްވެސް ހުއްޓުމެއް ނާންނާނެކަމުގެ ޔަގީންކަންވެސް ފަޒުލް ވަނީ ދެއްވާފައިއެވެ.

"ރަސްމާލެ ހިތްކާނެ އިރާދަކުރެއްވިއްޔާ. ގުޅީފަޅުވެސް ހިތްކާނެ، ގިރާވަރުފަޅުވެސް ހިތްކާނެ އަދި ނުވިތާކަށް ހުޅުމާލެ ތިން ވަނަ ފިޔަވަހި ވެސް ހިތްކާނަން"

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނުނެވެ. މއޭގެ ތެރެއިން ޝަރުތު ހަމަވީ 18،955 މީހަކަށެވެ. ދޫކުރަން ހަމަޖެއްސީ 9،003 ގޯތިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!