ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ދިރުވާ އާލާކުރުމުގެ އަމަލީ މަސައްކަތް ފުވައްމުލަކު ސިޓީގައި ފަށައިފި
ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި މިއަދު އެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމަށް ފެށި މި ޕްރޮގްރާމުގައި އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ސިއްޚީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްޚީ މަޢުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މި ޕްރޮގްރާމް ފުވައްމުލަކު ސިޓީގައި މިއަދުން ފެށިގެންކުރިއަށްދާއިރު، މިދިޔަ އަހަރު ތެރޭގައި ފ.އަތޮޅުގައި ޕައިލެޓް ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން މި އަހަރު ތެރޭގައި 10 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާ، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އިބްތިދާއީ ސިއްޚީ ނިޒާމް ދިރުވާ އާލާކުރުމަށް އަތޮޅުތަކަށް ދަތުރު ކުރައްވާ ޓީމުގައި ޞިއްޚީ ދާއިރާގެ ފަންނީ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.
ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ސިއްޚީ ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ޞިއްޚީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.