ޚަބަރު ސަރުކާރު

ބެކްލޮގް ކްލިއާކޮށްފި، އައިޑީ ކާޑު 24 ގަޑިއިރު ތެރޭގައި ލިބޭނެ

އަލީ ސަމާޙް ، ދެން އޮންލައިން
ޑީއެންއާރް

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ބެކްލޮގް އެއްކޮށް ކުލިއާ ކުރެވިއްޖެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

Ads by Hajj Corporation

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓްރީން ބުނީ، ބެކްލޮގް ކުލިއާ ވެފައިވުމުން މިހާރު އައިޑީ ކާޑަށް ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑު ލިބިގެންދާނެ ކަމަށެވެ.

"29 ފެބްރުއަރީ 2024 ގެ ނިޔަލަށް ޑީއެންއާރުގެ ޕެންޑިން އައިޑީ ކާޑް ލޮގް ސުމަކަށް ހެދިއްޖެ. އަދި އައިޑީ ހެދުމަށް ހުށަހަޅާ ފޯމުގެ މައްސަލައެއް ނެތްނަމަ 24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑު ލިބިގެންދާނެ،" އެ މިނިސްޓްރީގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ލިޔުނު މެސެޖެއްގައިު ބުންޏެވެ.

ހޯމް މިނިސްޓްރީގެ ނައިބު އަހުމަދު އާލީ ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު ޕެންޑިންގައި 2378 އައިޑީކާޑު އޮތް ކަމަށެވެ.

އާލީ ވިދާޅުވީ ކައުންސިލުގެ ދައުރުފުޅާކުރަން ކައުންސިލަށް ވަކި ހާއްސަ ކޮމްޕޯނެންޓެއް ޑިވޮލޮޕް ކުރަމުންދާ ކަމަށާއި މި މަސްތެރޭގަިއ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް ވެސް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ވަނީ ބަދަލުގެނެސްފައެވެ.

އޭނާ ވިދާޅުވީ މިހާރު އޮންލައިން އެޕްލިކޭޝަން ޕޯޓަލް ބޭނުންކުރަން އުނދަގޫތަކެއް ދިމާވެފައިވާތީ ޕޯޓަލް ރީ-ޑިވޮލޮޕް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަމާޒަކީ ތިންމަސް ތެރޭގައި ނިންމާލުން ކަމަށް އާލީ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!