ރޯދަމަހު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތަކުން ހިދުމަތް ދެވޭނެ ގަޑިތައް މިއަދު ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ މި ހިނގާ މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ. އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު ތިނަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއުލާނުގައިވާ ގޮތުން ރޯދައަށް ފަހު ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށްކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް، ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ހިދުމަތް ދެވޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅައެވެ.