ސްޓިކަރ ޖަހާކަށް ނުފަށަން, ޓޯ ކުރުމުގެ ކުރިން ގުޅާނެ: ފުލުހުން
ޕާކިން ޒޯނުތަކުން ބޭރުގައި މާލޭ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކަރ ޖަހަން ފަށަން ނިންމާފައިނުވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
މާލޭގައި ނުގަވާއިދަށް ޕާކު ކުރުން ހައްދުން ނައްޓާފައިވަނިކޮށް, އިއްޔެ ފުލުހުން ވަނީ ބަޔާނެއް ނެރެ, އިންޒާރު ދީފައެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުންގެ އިތުރުން ޕަބްލިކް ޓްރާސްޕޯޓަށް އަދި އެމެޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަަކުން އުޅަނދުތައް ޕާކު ކުރަމުންދާ ކަމަށެވެ. އެހެންވެ އުޅަނދުތައް ޕާކިން ޒޯނެއް ކަމަށް ކަނޑައަޅާފައިވާ ތަނެއްގައި ޕާކު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ, އިއްޔެ ފުލުހުން ދިން އިންޒާރާއެކު ބައެއް އޮޅުންތައް އަރަމުން އަންނަ ކަމަށެވެ. އެގޮތުން އަލުން ސްޓިކަރ ޖަހަން ފަށަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަައް އޭނާ ދޮގު ކުރެއްވިއެވެ.
"އާއްމުން އެބަ ސުވާލު ކުރޭ ސްޓިކަރ ޖަހަނީތޯ. ނޫން އަޅުގަނޑުމެން ސްޓިކަރ ޖަހަން ފައްޓަނީއެއް ނޫން." ނަވީން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކަރ ޖަހަން ނުފަށާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ,
ނަވީން ވިދާޅުވީ އާއްމުންނާއި އެމެޖެންސީ ރެންސްޕޮންޑާސްއަށް އުދަނގޫވާ ގޮތަށް ހުންނަ އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގުޅާނަން, ގުޅުމަށްފަހު އުދަނގޫވާ ތަނެއްގައި ހުރެއްޖެނަމަ އެ އެއްޗެހި ޓޯ ކުރުމުގެ މަސައްކަތް ފަށާނަން" ނަވީޒް ވިދާޅުވިއެވެ.
ފުލުހުން މިއަދު ވަނީ ޓޯ ކުރުމުގެ މަސައްކަތް ފަށާފައެވެ. ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރުމުން ޓޯ ޔާޑަށް ގެންދަން ޕިކަޕަކަށް އަރުވާފައިވާ ސައިކަލްތަކެއްގެ ފޮޓޯ މިއަދު އެކްސްގައި އާއްމުކޮށްފައެވެ,
"ކަނޑައެޅޭ ވަކި ތަންތަނެއްގައި މީހުންނަށް ދަތިވާ ގޮތަށް ޕާކިން ޒޯން ނޫންތަންނުގައި ބަހައްޓާ އުޅަނދުތަކާމެދު މިދަނީ ފިޔަވަޅު އަޅަމުން. މިއަދު ވެސް އެ މަސައްކަތް މިދަނީ އަޅުގަނޑުމެން ކުރަމުން" ނަވީން ވިދާޅުވިއެވެ.