ޚަބަރު

ކައުންސިލްތަކަށް ފިޔަވަޅު އަޅަން ތާއީދެއް ނޫން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނާ ބެހޭ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ކައުންސިލަށް އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ކެނދިކުޅުދޫ ކައުންސިލުން ވަނީ އެލްޖީއޭ އިން އެދުނު ގޮތަށް ބަޔާން ބާތިލު ނުކުރަން ނިންމާފަ އެވެ.

ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކައުންސިލްތައް ބާރުވެރި ކުރުވައިގެން ކުރިއަށްދާން ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރަން ކަމަށެވެ. އަދި ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބޭނީ ވެސް ކައުންސިލްތަކަށް ބާރުވެރިކަން ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅާ، ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމަ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެފަދަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ކައުންސިލްތަކަށް ކުރިމަތި ނުކުރާނެ ކަމަށާއި ކައުންސިލްތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރިހަމަ ހައިސިއްޔަތު ދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރު ހިމެނޭ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރައީސް މުއިއްޒު ދައުލަތުގެ މުދަލުން ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން އެ މަގަށް ރައީސް އަދި ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ބަސްމަގު ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!