ޕީއެންއެފުން ހުށަހެޅި 3000 ސޮއިގެ ސައްހަކަން ބެލުން އަންނަ ހަފުތާއަށް ނިންމަނީ
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ވީހާވެސް އަވަހަކަށް ދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އާ ޕާޓީއެއް އުފައްދަން ޔާމީން ނިންމެވީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ ދެބޭފުޅުން ދެމެދުގައި ޖެހިވަޑައިގެންނެވި ދެބަސްވުންތަކާއެކުއެވެ. ޔާމީންގެ ދަރިކަލުން ޒޭން ޔާމީންގެ ނަމުގައި، ޕީއެންއެފް ރަޖިސްޓްރީކުރަން ހުށަޙެޅީ ހުސްވި މަހުގެ ފަހުކޮޅުއެވެ. އެ ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅީ 3060 ފޯމެވެ.
އީސީގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ''ދެން'' އަށް މިއަދު ވިދާޅުވީ ޕީއެންއެފްއިން ހުށަހެޅި ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކޮމިޝަނުން މަސައްކަތްކުރަނީ ފޯމްގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމާލަން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިި ނޫހަށް ވިދާޅުވީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ހުއްދަ ދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށްޓަކައި ވީހާވެސް އަވަހަކަށް ފޯމްތަކުގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށް އެދިވަަޑައިގެންފައެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަދޭތާ ހަމަސް ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ޖެހެއެވެ. ޕާޓީ އުފައްދަން ބާއްވާ ޖަލްސާގައި ޕާޓީގެ ނިޝާން، ކުލަ، ލޯގޯ، އަސާސީ ގަވާއިދު ފާސްކުރަން ޖެހޭނެއެވެ. އަދި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވެންދެކަށް ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕެއް ވެސް އިންތިހާބުކުރަން ޖެހެއެވެ.
އީސީގެ ދަފްތަރުގައި މި ވަގުތު 10 ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ.