ޚަބަރު

ކުރިއަށް އޮތް ތަނުގައި ކައުންސިލަކުން ނެރޭ ބަޔާނަކާ ގުޅިގެން ފިޔަވަޅެއް ނާޅާނެ: އާދަމް ޝަރީފު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކައުންސިލަކުން ނެރޭ ބަޔާނަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ލޯކަލް ގަވަމެންޓު އޮތޯރިޓީން ނުވަތަ ސިޓީތަކާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާދަމް ޝަރީފު ވިދާޅުވީ ކައުންސިލުތަކަށް ފިޔަވަޅުއަޅައި ކައުންސިލުތަކަށް ދަތިކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އެލްޖީއޭއިން ޤާނޫނާ ޚިލާފުވިނަމަވެސް، މިނިސްޓްރީން އެކަމަށް ފިޔަވަޅެއް ނާޅާނެ ކަމަށާއި، އެކަން ބަލާނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު. އެހެންވީމާ އަޅުގަނޑަކަށް ހިއެއްނުވޭ ދެނެއް މިގޮތަށް ނެރޭ ބަޔާނަކާ ގުޅިގެން ފިޔަވަޅެއް އަޅައިފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް ވިދާޅުވެފައިވަނީ ކައުންސިލުތަކަށް ފިޔަވަޅުއަޅައި ކައުންސިލުތަކަށް ދަތިކުރުމަކީ ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށާއި އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވެމެންޓު އޮތޯރިޓީން ކުރުމަކީވެސް ތާއީދުކުރާނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ރައީސް އަތޮޅު ތެރެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކެމްޕޭން ކުރައްވާ ކަމަށް ތުހުމަތުކުރައްވައި ނ. ކެނދިކުޅުދޫ ކައުންސިލުން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރުމާއި ގުޅިގެންނެވެ. ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އެ ކައުންސިލްގެ ބަޔާން ބާތިލުކުރަން އަންގައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!