ރެސިޕީ

ދެން ރެސިޕީ: ޕަވްލޯވާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara

6 ބިހުގެ ހުދުބައި
¼ 1 ޖޯޑު ކާސްޓަރ ޝުގަރ
1 މޭޒުމަތީ ސަމްސާ ކޯން ފްލާ
1 ސައިސަމްސާ ވައިޓް ވިނެގަރ
1 ސައިސަމްސާ ވެނީލާ އެސެންސް
1 ޖޯޑު ހެވީ ކްރީމް
2 މޭޒުމަތީ ސަމްސާ ހަކުރު

ތައްޔާރުކުރާނެގޮތް:

އަވަން ހޫނުކުރަން ޖައްސާށެވެ. 120 ޑިގްރީސް ސެލްސިއަސްއަށެވެ. ފިހަން ބޭނުންކުރާނެ ޓްރޭމަތީގައި ބޭކިންގް ކަރުދާސް އަޅާށެވެ. ފަންސޫރެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 24 ސެންޓިމީޓަރުގެ ޑަޔަމީޓަރު ހުންނާނެ ވަރުގެ ބޮޅެއް ތަބަކުގައި އެޅި ބޭކިންގް ކަރުދާހުގެ މަތީގައި ކުރަހާށެވެ.

ކަރަންޓު މިކްސަރުގެ ވިސްކް ކުރާބައި ބޭނުން ކޮށްގެން ފުރަތަމަ ބިސްކޮޅު ގަށާލާށެވެ. އެކަން ކުރާނީ ”ސޮފްޓް ޕީކްސް" އުފެދެން ދެނެވެ. އޭރުން ބިސްކޮޅު ހުންނަންވާނީ ހުދުކޮށެވެ. އަދި ވިސްކްގައި ބިސްކޮޅު ހުންނަންވާނީ ކޮންމެވެސް ވަރަކަށް ހަރުލާފައެވެ. ނަމަވެސް ބިސްތައް ހަރުކޮށް ހުރެގެން ނުވާނެއެވެ.

އެއަށްފަހު އެއަށް ކާސްޓަރ ޝުގަރ އަޅާނީއެވެ. މަޑުމަޑުން ފަހަރަކު އެތިކޮޅެކެވެ. މިގޮތަށް ހަކުރު އަޅަމުން އެއަށް ކުޑަ އޮފުކަމެއް އަރަންދެން އަނެއްކާވެސް ކަރަންޓު މިކްސަރުގެ ވިސްކް ކުރާ ބައިގެ އެހީގައި އެއްކުރާށެވެ.

ދެން ކޯން ފްލާ، ވިނެގަރ އަދި 1/2 ސައިސަމްސާ ވެނީލާ އެސެންސް އަޅައި އަނެއްކާވެސް މިކްސަރު ޖައްސައި އެއްކުރާށެވެ. މިފަހަރު އެއްކުރާނީ ހަމަ ކިރިޔާ ހުރިހާ އެއްޗެއް އެއްވެލާ ވަރަށެވެ.

ޓްރޭގައި ކުރިން ކުރެހި ބޮޅުގެ އެތެރެއަށް ވާގޮތަށް އެއްކުރި ސާމާނު އޮއްސާލާށެވެ. ސަމުސަލެއް ބޭނުންކޮށްގެން މައްޗާއި އަރިމަތިތައް އޮމާންވެސް ކޮށްލެވިދާނެއެވެ.

ޓްރޭ ބައިންދާނީ ހޫނުކޮށްފައިވާ އަވަނުގެ މެދު ރެކުގައެވެ. އަދި ފިހާނީ ދޮޅު ގަޑިއިރު ވަންދެން ނުވަތަ އަތްލުމުން އޭގައި ތެތްކަމެއް ނެތްކަމަށް އިހްސާސް ކުރެވޭވަރު ވަންދެނެވެ. ފިހެވުމުން އަވަނުގެ ދޮރު ހުޅުވާފައި ބަހައްޓައިގެން ޕަވްލޯވާ ހިހޫކުރާށެވެ. އެއްކޮށް ހިހޫވުމުން ނަގާ ތަބަކަކަށް ނޫނީ ތައްޓަކަށް ލާށެވެ.

ހެވީކްރީމް އާއި 1/2 ސައިސަމްސަލުގެ ވެނީލާ އެސެންސާއި ހަކުރު ކަރަންޓް މިކްސަރު ބޭނުންކޮށްގެން "ބީޓް" ކުރާށެވެ. ބީޓް ކުރުމުގެ މާނައަކީ ބާރު ސްޕީޑެއްގައި އެއްކޮށްލުމެވެ.

ދެން ޕަވްލޯވާގެ މައްޗަށް އެ އޮއްސާލުމަށްފަހު، ރީއްޗަށް ފަތުރާލައި އޭގެ މަތީގައި ބޭނުން ބާވަތެއްގެ ކޮށާފައިވާ މޭވާ އަތުރާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!