އެމްޑީޕީ ސަރުކާރުގައި އާބާދީގެ ގޮތުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހުރިހާ ރަށަކަށް އިސްކަންދީފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ޝާހިދު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަމުންނެވެ.
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަށް ތާއިދު ހޯދުމަށް އެ ދާއިރާގައި ހިމޭނެ ރަތްމަންދޫ އަށް ޝާހިދު ވަނީ ވަޑައިގެންފައެވެ. އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަވާ 'އެކްސް' ގައި އާންމުކުރެއްވި ވީޑިއޯގައި ވިދާޅުވީ ވިދާޅުވީ އަބާދީ މަދުވިޔަސް ރަތްމަންދޫ އަކީވެސް އެމްޑީޕީ ސަރުކާރުގައި ހާއްސަ ރަށެއް ކަމަށެވެ.
"ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި"
ޝާހިދު ވިދާޅުވީ، މާލެ ސަރަހައްދަށް އާބާދީ ތޮއްޖެއްސުމުގެ ސިޔާސަތެއް މިއަދުގެ ސަރުކާރުން ގެންގުޅޭ ކަމަށެވެ.
ނަމަވެސް އެ މިސްރާބު ބަދަލުކޮށް، ރަށްރަށް ބާކީކުރިޔަ ނުދީ މިސްރާބު ހަމަމަގަށް އެޅުވުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ޝާހިދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިއެވެ.
ޝާހިދު އެހެން ވިދާޅުވެފައިވާއިރު އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.