އާ ޖަނަރޭޓަރެއް ބަހައްޓައި ވައިކަރަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

އައު ޖަނަރޭޓަރެއް ބަހައްޓައި ހދ.ވައިކަރަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.
ފެނަކައިން ބުނީ ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، އެ ރަށަށް 250 ކިލޯވޯޓުގެ ޖަނަރޭޓަރު ގެންގޮސް، މިހާރު މުޅި ރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ވައިކަރަދޫއަށް ކަރަންޓު މައްސަލަ ކުރިމަތިވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު މި ނޫހާ ވަހަކަ ދެއްކި މީހަކު ބުނީ އޭރު ކަރަންޓު ދެމުން ދިޔައީ ފަސް ސަރަހައްދަށް ބަހާލައިގެން، އެއް ގަޑިއިރަށް ކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު މީގެ ކުރިން ވިދާޅުވީ އެންމެ ނާޒުކު ހާލަތުގައި މިވަގުތު ހުރި ހަ ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި އިތުރު ހަތަރު ރަށަކަށް ބޭނުންވާ ޖަނަރޭޓަރު ހޯދައި ކަސްޓަމުން ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.