ޚަބަރު

ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ އިދާރާ/ ފޮޓޯ: ދެން

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ތަންތަން ނޫން އެހެން އެހެން ތަންތަނުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތް ނިންމާ ވޯޓާސް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) މިއަދު އާންމުކޮށްފި އެވެ.

Ads by STELCO

ވޯޓުލާން ރީ-ރަޖިސްޓްރީވާން އަލަށް ހުޅުވާލީ، ރޯދަ މަހުގައި އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބުތަކުގެ ގާނޫނަށް ގެނައި ބަދަލާއެކު އެވެ.

ހުޅުވާލި ފުރުސަތުގައި 10،000 މީހުން ރީ-ރަޖިސްޓްރީވެފައިވާއިރު މި ބަދަލާއެކު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،663 މީހުންނަށް އިތުރު ވާނެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ އަންހެނުންގެ އަދަދަކީ 139،361 އެވެ. އަދި ވޯޓުލެވޭ ފިރިހެނުންގެ އަދަދަކީ 145،302 އެވެ.

އީސީގެ ''އިންތިހާބުގެ ތަވާލު'' ދައްކާ ގޮތުން ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުން ކުރިއަށް ދާނީ މި މަހުގެ 28 އިން 29 އަށެވެ.

ހަތް ރިސޯޓަކާއި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓުފޮށި ބަހައްޓަން އީސީން ނިންމާފައިވާއިރު އެ ތިން ގައުމަކީ ގިނަ އަދަދެއްގެ ދިވެހި ދިރިއުޅެމުންދާ އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ އަދި މެލޭޝިއާގެ ވެރިރަށް ކުއަލާލަންޕޫރެވެ.

މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެ އެވެ.

މަޖިލީހުގެ އިންތިހާބު ބާއްވަން އަންނަ މަހުގެ 21 ވަނަ ދުވަސް އަދި 22 ވަނަ ދުވަހު ސަރުކާރު ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގަ އެވެ.

ދާއިމީ ނަތިއްޖާ އިއުލާން ކުރާނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!