ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން ހޮނިހިރު ގައި
އަންނަ މަހުގެ 21 ވަނަ ދުވަހަށް ތާވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، ކެންޑިޑޭޓުން ސޮއިކުރުން ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީން، ސަރުކާރުގެ ގެޒެޓް ގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކަމަށެވެ.
ސޮއިކުރުން 31 ވާ އާދީއްތަ ދުވަހު ރޭގަނޑު 12:00 ނިޔަލަށް އީސީގެ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެނައުމަށް އީސީން އެދެއެވެ. ރަޖިސްޓަރީގައި ސޮއިކުރަންދާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށް އީސީން ބުންޏެވެ.
މަތީގައި ދެންނެވިފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިޔަށްދާނީ،
އާދީއްތަ އަދި ހޮނިހިރު ދުވަހު ސޮއިކުރުން ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ.
މަޖިލީހުގެ އިންތިހާބު ބާއްވަން އަންނަ މަހުގެ 21 ވަނަ ދުވަސް އަދި 22 ވަނަ ދުވަހު ސަރުކާރު ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައެވެ.
ދާއިމީ ނަތިއްޖާ އިއުލާން ކުރާނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.