އެމްއޭސީއެލުން "މިންހެޔޮ، ހިތްހެޔޮ ތަށިބަރި" ހަރަކާތް ކުރިއަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޯދަމަހާއި ދިމާކޮށް، "މިންހެޔޮ، ހިތްހެޔޮ ތަށިބަރި" ހަރަކާތް އެތަނުގެ މުވައްޒަފުންގެ މެދުގައި ފެށި ހަރަކާތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނީ، މި ހަރަކާތުގައި މިންހެޔޮ މާނަކޮށްފައިވަނީ، ބެލެންސް ޑައިޓް އަކަށެވެ. އެއީ ސިއްހީ ގޮތުން ފައިދާހުރި ކާނާ މިންހެޔޮ ގޮތެއްގައި ކެއުމެވެ. ހިތްހެޔޮ މާނަކޮށްފައިވަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ގުޅުން ބަދަހި ކުރުމަށެވެ.
ތަށިބަރީގައި ބޮޑަށް ހިމަނާފައިވަނީ، މޭވާއާއި، ތެލުލި އެއްޗެހީގެ ބަދަލުގައި ފިހުނު އެއްޗެސް އަދި ފޮނި އެއްޗެސް މަދުކޮށް، ސިއްހަތަށް ފައިދާހުރި ކާނާއެވެ.
މި ހަރަކާތުގައި އެމްއޭސީއެލުން މުވައްޒަފެއްގެ މެދުގައި ބަހަން ދޫކޮށްފައި ވަނީ ފަސް ތަށިބަރިއެވެ. މިއަހަރު ހަމައެކަނި އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަހަރު މިގޮތަށް މި ހަރަކާތް ކުރިއަށްގެންދިޔަ ނަމަވެސް، ކުރިއަށްއޮތްތަނުގައި ގިނަ ބަޔަކަށް އަދި މިހާރަށްވުރެ ގިނަ ތަށިބަރި ހިމަނައިގެން މި ހަރަކާތް ކުރިއަށްގެންދިއުމުގެ ވިސްނުން ހުރިކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.