މަޖިލިހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް، ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ތޮލްހަތު ހަސަން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް ގ. ސާޓަނުގެ ތޮލްހަތު ހަސަން އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެންޑީއެފްގެ މޭޖާގެ ރޭންކުގައި ހުންނެވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ތޮލްހަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ ބޯޑަށް ވެސް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އޭނާ ވަނީ 21 އަހަރު ވަންދެން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައެވެ.
މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސް އަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ.
މީގެ ކުރިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ މުހައްމަދު ހަލީމްއެވެ. އޭނާ ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އޮފީހުގައި ދައްކާ ވަހަކަތައް ސިއްރުން އަޑުއެހޭނެ ގޮތެއް ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ވަޒީފާއިން މަސައްކަތުން އެކެހެރިކޮށް، ވަޒީފާއިން ވަކިކޮށްފައެވެ.