ޚަބަރު

ކޮންމެ އަތޮޅެއްގައި ޕާސްޕޯޓް އޮފީސް ގާއިމުކުރަން މަޝްރޫއެއް ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލަކުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމަށް ޕާސްޕޯޓް އޮފީސްތައް ގާއިމްކުރުމުގެ މަޝްރޫއުއެއް ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

Ads by MWSC

އިމިގްރޭޝަނާ، ކައުންސިލުތަކުގެ މިނިސްޓްރީއާ ގުޅިގެން ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ, ޕާސްޕޯޓް ހެދެނޭ ގޮތް ހަމަޖައްސައި ދިނުމަަކީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ، ޕާސްޕޯޓު ހެދުން މިހާރަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ދަށުން ޕާސްޕޯޓުގެ ހެދުމުގެ މަސައްކަތް ތަފާތު އެހެން މަރުހަލާއަކަށް ގެންދަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ކޮންމެ ސިޓީއެއްގައިވެސް އަދި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ އިދާރާގައި ޕާސްޕޯޓް ހެދޭނެ އިންތިޒާމު ހަމަޖައްސަވައި އެކަންކަން ކުރިއަށް ގެންދިޔުން'' އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ ޕްރެސް ބްރީފިންގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާނު ވަހީދު ވިދާޅުވީ ސިޓީތަކުގެ އިތުރުން ހއ. ދިއްދޫއިން ވެސް ޕާސްޕޯޓް މިހާރުވެސް ދޫކުރަމުން ދާނެ ކަމަށެވެ. ރައީސް ނިންމެވި ނިންމުމާ ގުޅިގެން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

''މުވައްޒަފުން ނެގުމުގެ ކަންތައްތަކާއި އަދި ޕާސްޕޯޓް ސެޓަޕް ހެދުމުގެ ކަންތައް ކައުންސިލުތަކާއި ގުޅިގެން ކުރަމުން ގެންދަނީ'' ކޮންޓްރޯލާ ވިދާޅުވިއެވެ.

ޝައްމާނު ވިދާޅުވި ގޮތުންނަމަ އަތޮޅު ތެރެއިން ޕާސްޕޯޓު ދޫކުރުމުގެ މައިގަނޑު މަގްސަދަކީ، ބޮޑު ހަރަދެއްނުކޮށް ސަރުކާރުން ލިބޭ ހިދުމަތްތައް ރަށްރަށުންނާއި އަތޮޅުތަކުން ލިބިގެން ދިޔުން ކަމަށެވެ. މަހެއްގެ މައްޗަށް 1200 އެއްހާ މީހުން ޕާސްޕޯޓް ހަދަން ރަށްރަށުން މާލެ އަންނަ ކަމަށާއި އެ މީހުން މާލޭގައި ތިބޭ ދުވަސްކޮޅުވެސް ކޮންމެ މީހެއްގެ އަތުން ބޮޑު ހަރަދެއް ހޭދަވާ ކަމަށް ވިދާޅުވިއެވެ.

''މި ނިންމުމާއި ގުޅިގެން އަވަސް ފުރުސަތެއްގައި އެ ބޭފުޅަކު ހުންނަވާ އަތޮޅަކުން ލިބިގެންދާނެ ކަމަށް'' ފިޔަވަހިތަކަކަށް ބަހާލައިގެން ޕާސްޕޯޓް އޮފީސްތައް ގާއިމްކުރެވިގެންދާނީ، އެއް ފަހަރާ ހުރިހާ އަތޮޅަކުން ފެށިގެން ނުގޮސްދާނެ'' ޝައްމާނު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!