ޚަބަރު ސަރުކާރު

ޗައިނާއިން 10 ޕިކަޕް ހަދިޔާކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ޗައިނާ ސަރުކާރުން ރާއްޖެއަށް ޕިކަޕް ހަދިޔާކުރުމުގެ ތެރެއިން -

ޗައިނާ ސަރުކާރުން ރާއްޖެއަށް 10 ޕިކަޕް ހަދިޔާކޮށްފިއެވެ.

Ads by STELCO

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި އުފުލުމަށާއި އެހެނިހެން އާންމު މަސައްކަތްތައް ކުރުމަށް އެހީއެއްގެ ގޮތުން ޗައިނާގެ ޝަންޑަންގް ޕްރޮވިންސްއިން ހަދިޔާކުރި މި ޕިކަޕުތައް ސަރުކާރާ ހަވާލުކޮށްފައިވަނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ވެހިކަލްތައް ހަވާލުކޮށްފައިވަނީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ވަންގް ލީޒިންގްއެވެ. އަދި ސަރުކާރުގެ ފަރާތުން މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

ސަފީރު އިއްޔެ 'އެކްސް' ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، މި ވެހިކަލްތަކުގެ ސަބަބުން ރާއްޖެ އަކީ ސާފުތާހިރު ރީތި ތަނެއް ގޮތުގައި ބޭއްވުމަށް އެހީތެރިވެދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

ޗައިނާ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދަން ހެލްތު މިނިސްޓްރީން ވަނީ އިއްޔެ ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެން މިދިޔަ އަންގާރަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!