އިތުރު އުޅަނދުތައް ޓްރެކް ކުރެވޭ ގޮތަށް ކަސްޓަމްސްގެ އުސޫލަށް ބަދަލުގެނެސްފި
މިހާރު ޓްރެކް ކުރަމުން އަންނަ އުޅަނދުތަކުގެ އިތުރުން އެހެން އުޅަނދުތައް ޓްރެކްކުރެވޭނެ ގޮތަށް މޯލްޑިސް ކަސްޓަމްސް ސާވިސްގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، އެތަނުގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރަށް ގޮސްއައިސްވާ އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާ ކުރެވެމުންދާ ކަމަށެވެ.
އަދި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއް ތަނަށް ގެންދެވޭ މުދާ ނުވަތަ ވަކި ގޮތަކަށް އަމަލު ކުރަން ގާނޫނު ނުވަތަ ގަވާއިދު ލާޒިމުކޮށްފައިވާ މުދަލާއި އެފަދަ މުދާ އުފުލާ އުޅަނދުފަހަރާއި އެފަދަ މުދާ ރައްދުކުރަން ޖެހޭ އުޅަނދު ފަހަރުގެ ހަރަކާތްތައް ވެސް މޮނިޓާ ކުރެވެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާ ބެހޭ އުސޫލު 2018 ވަނަ އަހަރު އެކުލަވާލެވި އަމަލުކުރަން ވަނީ ފަށައިފައެވެ.
އެ އުސޫލަށް ފުރަތަމަ އަމަލުކުރަން ފެށިއިރު ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދެވޭ އުޅަނދުފަހަރު އަދި ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަންޖެހޭ ތަނަށް ގެންދިއުމަށްޓަކައި އެތަކެތި އުފުލާ އުޅަނދުފަހަރު ތަކުގައި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަން ފެށިއެވެ.
އަދި އެ އުސޫލަށް އެންމެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހުގައި ގެނެވުނު އިސްލާހާއި ގުޅިގެން ކުރިން ޓްރެކިންގ ޑިވައިސް އަޅުވަންޖެހޭ އުޅަނދުފަހަރުގެ އިތުރުން އަދި ބައެއް އުޅަނދުފަހަރުގައިވެސް ޓްރެކިން ޑިވައިސް ހަރުކުރަން ކަސްޓަމްސްއިން ވަނީ ނިންމާފައެވެ.
ޓްރެކިން ޑިވައިސް ހަރުކުރާ އިތުރު އުޅަނދު ފަހަރަކީ:
- ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު
- ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު
- ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު
މީގެ އިތުރުން ކަސްޓަމްސްއިން އިސްލާހުކޮށްފައިވާ އުސޫލާއި ހިލާފުވާ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ހިދުމަތް މެދުކަނޑާލާނެ ކަމަށާއި، ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ، ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅުވެސް އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.