ޚަބަރު އިޖުތިމާޢީ

ފުވައްމުލަކުން ފަތުރުވެރިއެއްގެ ތަކެތި ވަގަށް ގެންދިޔަ މައްސަލާގައި އެއްވެސް ކުރިއެެރުމެއް ނެތް

ފައިނާ ފާއިޒް ، ދެން އޮންލައިން

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަން ގޮސްއުޅުނު ފަތުރުވެރިއެއްގެ އަގުބޮޑު ޑްރޯން އަކާއި ދަބަހެއް ގެއްލުނު މައްސަލާގައި އަި މިހާތަނަށް އެއްވެސް ކުރިއެެރުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފިިއެވެ.

Ads by STELCO

ގެއްލުނީ ބްރެޒިލުގެ ފަތުރުވެރިއެއްގެ މުދާތަކެކެވެ. ޝޯޝަލް މީޑިއާގައި ވަނީ ފަތުރުވެރިޔާ، އެކަން ހިނގި ގޮތް ކިޔައިދޭ ވީޑިއޯ އެއް ދައުުރުވެފައިއެވެ. އެ މީހާ ކިޔައިދިން ގޮތުން އެކަމެއް ހިނގާފައި ވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައެވެ.

ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެކުދިން އޭނާ ގާތުގައި އެއާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. އޭގެ ފަހުން މޫދަށް އެރި އުޅެނިކޮށް ސައިކަލުގައި އައި ބަޔަކު އޭނާގެ ދަބަހާއި ޑްރޯން ގެންދިޔަ ކަމަށް އެ ފަތުރުވެރިޔާ ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ''ދެން'' އަށް ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓުކާޑުތަކެއް އޮންނާނެ ކަމަށެވެ.

ގެއްލުނ ިތަކެތި އަނބުރާ ދިނުމަށް އޭނާ ވަނީ އެދެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!