އެމްޑީޕީން ރާއްޖެ އަޅުވެތިކުރުން ހަނދާން ނެތޭހާ ދުވަހެއް ނުވޭ: ރައީސް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރާއްޖެ އަޅުވެތި ކުރި ކުރުން ހަނދާން ނެތޭހާ ގިނަ ދުވަހެއް ނުވާ ކަމަށް ރައިސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ގެ ކެމްޕޭނު ޖަލްސާގައި އެމްޑީޕީއަށް ފާޑު ކިޔަމުން ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރުގައި ރާއްޖެ އޮތީ އަޅުވެތިކަމެއްގެ ތެރޭގައި ކަމަށެވެ.
ރައީސް އެ އިޝާރާތްކުރައްވާނީ އެމްޑީޕީން އިންޑިއާއާ އެކު ބާއްވަމުން ''ގާތް'' ގުޅުމަަށެވެ. ވަކި ގައުމެއްގެ ނަން ނުގެންނަވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިޝާރާތް ކުރައްވާ ރައީށް ވިދާޅުވީ އެ ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދެވީ ވަކި ބައެއްގެ އޯޑަރަށް ކަމަށެވެ.
"އަމަލީގޮތުން އޮތީ މިނިވަންކަން ގެއްލިފައޭ މިދަންނަވަނީ، ވަކި އެމްބަސީއެއްގައި ހުންނެވި ވަކި ހައި ކޮމިޝަނަރަކު، ވަޑައިގެން ވިދާޅުވާގޮތަށް ނޫނިއްޔާ ބޭރުގެ ގައުމުކަށް ޓްރޭނިންއަކަށްވެސް ގައުމުގެ މީހުން ނުފޮނުވޭ ހިސާބުގައި ކަންކަން އޭރު އޮތީ. ހަނދާން ނެތޭހާ ދުވަހެއް ނުވޭ ނޫންތޯ"
ރައީސް ވިދާޅުވީ ރައްޔިތުން ނިކުމެ މި ސަރުކާރު އިންތިހާބުކުރީ އޭރު އޮތް ވެރިކަން ކަމުނުގޮސްގެން ކަމަށެވެ. ރައްޔިތުން ބޭނުންވީ ގެއްލިފައިވާ މިނަވަންކަން އަނބުރާ ހޯދުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖެ އޮތީ ހުރިހާ މަގަކުން އަޅުވެތިވެފައިކަން ފާހާގަކުރައްވާ ރައީސް ވިދާޅުވީ، އޭރު ރާއްޖެ އޮތީ ދަރަނިވެރިވެސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަވަންތަކަން ގެއްލިފައި ކަމަށެވެ.
މިހާރު ރާއްޖެ އަކީ އަމަލީ ގޮތުން މިނިވަން ގައުމެއް ކަމަށް ހަދައި، އެހެން ގައުމުތަކަށް ދާރާފައިވާ ދަރަނިތައް ދައްކަން ސަރުކާރުން ދައްކަމުންދާ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.
ރައްޔިތުން އެދޭ ފަދައިން، ''ދިވެހީންގެރާއްޖެ'' ގާއިމުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ރައްޔިތުންގެ އެއްބާރުލުން ރައީސް ވަނީ އެދިވަޑައިގެންފައިއެވެ.