ރައީސްގެ ވައުދާ އެއްގޮތަށް ރާއްޖޭގައި އީ ވޮލެޓް ބޭނުންކުރެވޭ ގޮތް ހަދައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބީއެމްއެލް އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތްކުރެވޭގޮތް ހަމަޖައްސައިފިއެވެ.
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓްގެ ހިދުމަތް ފެށުމަށް ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ހިދުމަތް މިއަދު ތައާރަފް ކޮށްފައިވާއިރު ބީއެމްއެއެލުން ބުނީ އެ ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ބޭންކުން ބުނީ އެ ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް މި މުއާމަލާތްތައް ކުރަން ބޭނުންކުރެވޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ، އެ ބަދަލަކީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށާއ އަދި އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު، އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ.