ޚަބަރު

ކަސްޓަމްސް ގައި ކަނޑުގެ އޮޕަރޭޝަން ޔުނިޓެއް ގާއިމްކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ކަސްޓަމްސް ބިލްޑިންގ --ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި "މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން" ނަމުގައި ހާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.

Ads by STELCO

ކަސްޓަމްސް އިން މިއަދު ބުނީ, މި ސެކްޝަނަކީ ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުމާއި މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް ކަމާ ގުޅޭ ފަރާތްތަކާއެކު ކަނޑުގެ އޮޕަރޭޝަންތައް ހިންގުމާއި ކަސްޓަމްސްގެ ދަށުގައި ހުންނަ އުޅަނދު ފަހަރުގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް އުފެއްދި ތަނެއް ކަމަށެވެ.

ޑައިރެކްޓްރޭޓް އޮފް އެންފޯސްމެންޓް އެންޑް ބޯޑާ ސެކިއުރިޓީގެ ދަށުން އުފެއްދި މި ސެކްޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި ބޭރުކުރުން ހުއްޓުވުމަށް ކަނޑުގެ އޮޕަރޭޝަންތައް ހިންގުމާއި ސަވައިލަންސް ޑްރޯންތައް ބޭނުންކޮށްގެން ކަނޑު އުޅަނދުފަހަރު މޮނިޓާ ކުރުމުގެ އިތުރުން ކޯސްޓްގާޑާ ގުޅިގެން އެކި އޮޕަރޭޝަންތައް ހިންގުމެވެ.

މި ސެކްޝަންގެ ބޭނުމަށް މިހާތަނަށް ޖަޕާނު ސަރުކާރުގެ އެހީފައި 30 ފޫޓޫގެ ދެ ޕެޓްރޯލް ވެހިކަލް އަންނަ މެއި މަހު ލިބޭނެ ކަމަށާޢި އިތުރު 85 ފޫޓޫގެ ޕެޓްރޯލް ވެހިކަލެއް އަންނަ އަހަރު ތެރޭގައި ލިބޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ޖަޕާނުން ހަދިޔާ ކުރާ 85 ފީޓުގެ އުޅަނދުން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް މެއި މަހު ޖަޕާނުގައި ކުރިއަށް ދާނެ ކަަމަށާއި އެ ތަމްރީނުގައި ކަސްޓަމްސްގެ އަށް މުވައްޒަފަކު ބައިވެރިވާނެ ކަމަށެވެ.

މި ސެކްޝަނަށް އިތުރު އުޅަނދު ހޯދުމަށް ޗައިނާ އެމްބަސީއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުން ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!