ބުރަ މަސައްކަތުން ގެނައި ކާމިޔާބީ ބީވިޔަދީގެން ނުވާނެ: ރައީސް
މި ސަރުކާރުގެ ޝިޔާރު "ދިވެހީންގެރާއްޖެ" ފުރިހަމަ ހަގީގަތަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އިިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފިއެވެ.
މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ ޕީީޕީއެމް/ޕީއެންސި ކެންޑިޑޭޓު މުހައްމަދު ފަޒީލް ކެމްޕެއިނު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރެއް ހޮވުމުގައި ވޯޓު އޮންނަނީ ދެ ބަޔަކަށް ބެހިފައި ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ވޯޓާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން މި ސަރުކާރު ހޮވީ, ރާއްޖޭގެ މިސްރާބު ގޯސްކޮށް ދާތީ ހަމަމަގުން ގެއްލިފައި އޮވެ, މިނިނިވަންކަން ގެއްލި އަދި އިގްތިސޯދު އަނދަވަޅަކަށް ދާތީ އެކަން ރަނގަޅުކުރުމަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ''ދިވެހީންގެ ރާއްޖެ'' މިސްރާބު ހާސިލްވާން އޮތީ ދެ ވަނަ ވޯޓުން ކަމަށެވެ.
އެ ވޯޓަކީ މީގެ 21 ދުވަސް ފަހުން އޮންނަ މަޖިލިސް ވޯޓު ކަމަށާއި ރިޔާސީ އިންތިހާބުގައި ނެގި ވޯޓު ފުރިހަމަކުރުމުގެ މަސައްކަތް އޮތީ ރައްޔިތުންގެ އަތްމަތީ ގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ބުރަ މަސައްކަތް ތިޔަބޭފުޅުން މިދިޔަ އަހަރު ކުރުމަށްފަހު އެކަން ކާމިޔާބީއާ ހަމައަށް ނަތީޖާ ގެންދެވޭނީ އެކަން ފުރިހަމަ ކުރެވޭ ވަރަށް އަޅުގަނޑުމެން މަސައްކަތް ކޮށްގެން," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ފުންކޮށް ވިސްނުމަށް ގޮތް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް އެދިވަޑައިގެންނެވީ މަޖިލިސް އިންތިހާބުގައި މި ވިސްނުމުން ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުން ހޮވައި ދިނުމަށެވެ.
އަދި ދާއިރާގައި ރައްޔިތުން ބޭނުންވާ ކަންކަން ފަހިކުރުމަށް ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކޮށް ނިންމުމަށް ވެސް މިއީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.