މިސްކިތުން ފަންކާ ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި

މާލޭ، ތަގުވާ މިސްކިތުގެ ހަތް ފަންކާއެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ފަންކާތައް ވަގަށް ގެންގޮސްފައިވަނީ ތިން ރޭ މަތިން ކަމަށެވެ. އެ މިސްކިތުގައި ހުރި ސްޓޭންޑް ފަންކާތައް ނަގާ ވީޑިއޯ ފުޓޭޖް ހިއްސާކޮށް، ކައުންސިލުން ފުލުހަށް މައްސަލަ ހުށަހެޅިއެވެ.
ކައުންސިލުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު މިސްކިތަށްވަދެ، މިސްކިތުގައި ހުރި ސްޓޭންޑް ފަންކާ ހިފައިގެން ނުކުމެގެންދާ މަންޒަރެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ, މިކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ހޯދާ ފުލުހުންގެ ބަންދަށްވަނީ ގެނެވިފައިވާ ކަމަށެވެ. ނަމަވެސް، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި ރޯދަ މަހު މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެފައިވާއިރު، ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ އެއް ވަނީ ވަގަށް ނަގާފައެވެ. ރޭގެ ވަގުތެއްގައި އެ މިސްކިތުގެ ފެން މޯޓަރުވެސް ވަގުން ވަނީ ގެންގޮސްފައެވެ.