ޚަބަރު

އުތުރުތިލަފަޅު އެގްރިކަލްޗާ ޒޯން ވާނީ ބިޔަ މަޝްރޫއަކަށް: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުތުރުތިލަފަޅުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ މަޝްރޫއު ވާނީ އާދަޔާހިލާފު ބިޔަ މަޝްރޫއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ސައީދު އެހެން ވިދާޅުވެފައިމިވަނީ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫ އެއް ހިންގަން ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި އެއްބަސްވުން (އެމްއޯޔޫ) އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަން އެކުންފުންޏަަށް އަންގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ.

ސައީދު ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްގީކުރާ އެގްރިކަލް ޒޯން ވެގެން ދާނީ އާދަޔާހިލާފު އަދި އެންމެ މިޒަމާނުގެ ޓެކްނޮލޮޖީން މުއްސަނދި ފަރުވެރިވި ބިޔަ މަޝްރޫއަކަށް ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން އެންމެ ފަހުން ވެސް ކުރިކަމަކީ ގައުމު ބަންގުރޫޓްކޮށްލުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ވެރިކަންކުރަން ފަސް އަހަރު ސްޕަމެޖޯރިޓީއާ އެކު ލިބުނު. އާޚިރު ނަތީޖާ އަކީ ހަމަ ކުރީ ފަހަރެކޭ ވެސް އެއްފަދައިން ޤައުމުބަނގުރޫޓްކޮށްލުން!." ސައީދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ހަވާލުކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގެ ދަށުން ތިލަފަޅުގައި ގާއިމުކުރާނީ އެގްރިކަލްޗާ އިކޮނޮމިކް ޒޯނެކެވެ.

މި އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ އެގްރިކަލްޗާ އިކޮނޮމިކް ޒޯނަކީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަމާއި އުމްރާނީ ވަސީލަތްތައް ޤާއިމުކޮށް، ދަނޑުވެރިކަން ކުރިއެރުވުމަށް ތަރައްގީކުރާ ހާއްސަ ސަރަހައްދެއް ކަމަށާއި، މިފަދަ އޭއީޒެޑްތަކަކީ ދަނޑުވެރިކަމުގެ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު އެކްސްޕޯޓުގެ އާމްދަނީ އިތުރުކުރަން މަސައްކަތްކުރާ ގައުމުތަކުގައި މުހިއްމު ވިޔަފާރިއެކެވެ.

އުތުރުތިލަފަޅުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެހެން ސަރަހައްދަކުން ބިންހިއްކައިގެން ހިންގަން ނިންމާފައިވާ މި މަޝްރޫއު ފެށުމަށް ނިންމާފައިވަނީ މި އަހަރުއެވެ. އެ އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްގީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ގާއިމުކުރާނެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!