ޚަބަރު

ފަތުރުވެރިޔާ އަތުން ވަގަށް ނެގި ހުރިހާ އެއްޗެއް ހޯދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުވައްމުލަކު ސިޓީގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލުގެ ފަތުރުވެރިއެއްގެ އަގުބޮޑު މުދާތައް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލައިގެ ތަޙްޤީގަށް ދެ މީހަކު ބަންދަށް ގެނެސްފައިވާ ކަމަށެވެ. އަދި ގެއްލިގެން ހުށަހެޅުނު ހުރިހާ ތަކެއްޗެއް ފުވައްމުލަކު ސިޓީ ފުލުހުން ހޯދާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަން ގޮސްއުޅުނު ފަތުރުވެރިއެއްގެ އަގުބޮޑު ޑްރޯން އަކާއި ދަބަހެއް ގެއްލުނު މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.

ޝޯޝަލް މީޑިއާގައި ފަތުރުވެރިޔާ، އެކަން ހިނގި ގޮތް ކިޔާދެމުން ބުނީ ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށާއި ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓުކާޑުތަކެއް އޮންނާނެ ކަމަށެވެ.

އެ މިހާ ބުނި ގޮތުގައި، އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އޭނާ ގެންގުޅުނު ޑްރޯންގެ އަގާ އެއްޗެހި އެހިއެވެ. އޭގެ ފަހުން މޫދަށް އެރުނު ކަމަށާއި މޫދަށް އެރުނީ އޭނާގެ ޑްރޯން އާއި ދެ ދަބަސް އޭނާ ދުއްވަން ގެންގުޅުނު ސައިކަލުގެ ކައިރީގައި ބަހައްޓާފައި ކަމަށް ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން އެ ދެ ކުދިން އައިސް ދަބަސް ނަގައިގެން ދިޔަ ކަމަށް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!