ޚަބަރު

80,000އަށްވުރެ ގިނަ އާއިލާއަކަށް ރޯދަ ހަދިޔާ ބަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މުޅި ރާއްޖޭގެ 80،000 އަށްވުރެ ގިނަ ގޭބިސީއިން މިހާތަނަށް ރޯދަ މަހަށް ސަރުކާރުން ބެހި ހަދިޔާ ގެންގޮސްފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ތިބި 99،000 އަށްވުރެ ގިނަ އާއިލާގެ ތެރެއިން މިހާތަނަށް އެސްޓީއޯއިން 80،000 އަށްވުރެ ގިނަ އާއިލާއަށް ކާޑު ވަނީ ބަހާފައެވެ.

ބުނީ ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސަރަހައްދުން ނުގެންގޮސް ހުރި ފަރާތްތަކަށް އެތަކެތި ދޫކުރަން މިހާރު ހަމަޖެހިފައިވަނީ އެސްޓީއޯ ކާޑު ގުދަނުންނެވެ.

ކާޑު ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން މެންދުރު 13:00 އަށެވެ. ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެއެވެ.

މިފަހަރު ވެސް ކާޑު ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ކާޑު ބަލައި ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!