ޝަރުތު ހަމަވެ ގެދޮރު ނުލިބޭ މީހުންނަށް ފުރަތަަމަ އަޅާ ފްލެޓްްތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނަން: ރައީސް
ޝަރުތު ހަމަވެ ގެދޮރު ނުލިބޭ މީހުންނަށް ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ފުރަތަަމަ އަޅާ ފްލެޓްްތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާންމުންގެ މީހަކު ވަނީ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި ފްލެޓް ދާއިމީ ލިސްޓުގައި ހިމެނި، މިދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ލިބޭނެތޯ ރައީސްއާ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވީ ވައުދާއި އެއްގޮތަށް މި ސަރުކާރުން ފަށާ ފުރަތަމަ ހައުސިން މަޝްރޫޢުގެ ދަށުން އެޅޭ ފްލެޓްތަކުން އެ ބޭފުޅުންނަށް ފްލެޓް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ދާއިމީ ލިސްޓުގައި ހިމެނުނު ގިނަ ފަރާތްތައް ރައީސް ޞާލިޙްގެ ސަރުކާރުން އެއްވެސް ސަބަބަކާއި ނުލާ އުނިކޮށްފައިވާ ކަމަށާއި އެ ފަރާތްތަކަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދީފައިވާ ކަމަށެވެ.
"އެ ވަޢުދު ފުއްދާނަން ވީހާވެސް އަވަހަކަށް, އެންމެ އަވަހަށް އެޅޭ ފްލެޓްތަކުން. މިއަހަރު ތެރޭ އެޅޭ ފްލެޓްތަކުގެ އާ މަޝްރޫއުތައް ފަށާގޮތަށް އިނީ. ހުޅުމާލެއިން ވެސް. އަދި ގުޅީފަޅުން ވެސް" ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން އިއުލާނުކުރާ ސޯޝަލް ހައުސިން މަޝްރޫއުތަކަށް ޝަރުތުވެ ހަމަވިޔަސް ފްލެޓު ނުލިބޭ ނަމަ އެލަވަންސެއް ލިބޭ ގޮތަށް ކަނޑައަޅައި ސޯޝަލް ހައުސިންއާ ބެހޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އެ ބިލުގައިވަނީ ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ މީހުންގެ ދަފްތަރު ގާނޫނެއްގެ ދަށުން އެކުލަވާލަން މަޖުބޫރުކޮށް، ކޮންމެ އަހަރަކު އެއް ފަހަރަކު އާންމު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ. ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ހާލަތު މޮނިޓަކޮށް އަދާހަމަކުރަން ޖެހެއެވެ.