ޕީއެންއެފް އުފައްދާ ޖަލްސާ ކުއްލިއަކަށް ފަސްކޮށްފި
ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން މާދަމާ ރޭ ބާއްވަން ނިންމި ޖަލްސާ ކުއްލިއަކަށް ފަސްކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޖަލްސާ ބާއްވާން ތާވަލުކޮށްފައި މާދަމާ ރޭ ގިޔައްސުއްދީން ސްކޫލުގައެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިރޭ ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ.
''މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން. ޕީއެންއެފް ނުހުއްޓުވޭނެ'' އެއްބާރުލު ނުލިބޭނީ ކޮން އިދާރަކުން ކަމެއް މަލީހު ވިދާޅެއް ނުވެއެވެ. އިތުރު ތަފްސީލެއް ނުދައްވައެވެ.
ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ބޭއްވުން ފަސްކޮށްފައިވާއިރު ޖަލްސާގައި ބައިވަރިވެވަޑައިގެންނެވުމުގެ ހުއްދަ އަށް، ގޭ ބަންދުގައި ހުންނެވި ޔާމީނު ވަނީ އެދިވަޑައިގަންނަވާފައެވެ. ނަމަވެސް އެ ހުއްދަ ދެވެން ނެތް ކަމަށް ކަރެކްޝަނުން ވަނީ ނިންމާފައެވެ.
މިދިޔަ ސަރުކާރުގެ ފަހުކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. އެހެންވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ. ނަމަވެސް ޔާމީން ގެންދަަވަނީ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެހެންވެ ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.