ޚަބަރު

މަޖިލީހާ ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހާ ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފ. އަތޮޅު ނިލަންދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވާހަކަ ދައްކަވާނީ ތެދު ބަހުން ކަމަށާއި ކަންކުރަންވާ ގޮތް އެންމެ ތަފްސީލުކޮށް ކަމަށެވެ. އަދި މަސައްކަތް ކުރަނީ ހެޔޮނިޔަތުގައި ނަތީޖާ ނެރެދިނުމުގެ ބޭނުމުގައި ކަމަށާއި ރާއްޖެ ތަރައްގީ ކުރެވިގެންދާނީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަޅުގަނޑު ކުރިމަތީގަ ހަމަހަަމަ. އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށް ވެސް އެންމެ ބޮޑު ރަށުގެ ރައްޔިތުންނަށް ވެސް ތަރައްގީ ހަމަހަމަ ވާނެ" ރައީސް ވިދާޅުވިއެވެ.

އެ ތަރައްގީ ގެނެސްދެއްވާއިރު ދުރުރާސްތާއަށް ވިސްނަން ޖެހޭކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެންމެ މަތީ ފެންވަރުގެ ހިދުމަތް ދެވޭނީ ސަރަހައްދުތަކެއް ތަރައްގީ ކުރެވިގެން ކަމަށެވެ.

އަދި ދައުލަތުގެ ބަޖެޓް ފާސް ކުރަނީ މަޖިލީހުން ކަމަށާއި މަޖިލީހާއި ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެކަން ކުރަން ދަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ސަރުކާރުން ބޭނުން ކުރާ ބަޖެޓު ވެސް އޮތީ ވަރަށް ހާލުގައި ކަމަށާއި މިހާރު އޮތް މަޖިލީހުން ބަޖެޓް ފާސްކޮށް ދިނީ ނަމެއްގައި މަޝްރޫއުތައް ހިމެނުމަށް ފަހު ކަމަށް ވިދާޅުވިއެވެ.

"މަޖިލީހާ ނުލާ ތަރައްގީ ކުރިޔަށް ނުގެންދެވެނެ. މިހާރު އަޅުގަނޑުމެން ބޭނުންކުރާ ބަޖެޓުވެސް މިއޮތީ ވަރަށް ހާލުގަ. މިހާރު އަޅުގަނޑުމެންނަށް ފާސްކޮށްދީފަ ހުރި ބަޖެޓުގަ ހުރީ ނަމެއްގަ މަޝްރޫޢުތައް ހިމަނާފަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖެ ނަމަ މަޝްރޫއުތަކަށް ހިމަނާނީ ދެ ލައްކަ ރުފިޔާ ނޫން ކަމަށާއި އޭރުން ސަރުކާރުން އެދޭ ގޮތަށް ފައިސާ ހިމަނައި ފާސްކޮށްދޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!