ޚަބަރު

ލައިސެންސް ފީ ކައުންސިލަށް ލިބޭ ގޮތަށް ހެދުމަކީ ކައުންސިލްތަކަށް އާމްދަނީ އިތުރު ކުރުމަށް ނިންމެވި ނިންމުމެއް: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ލައިސަންސް ދޫކުރުމުގެ ޚިދުމަތުންނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ނިންމެވުމަކީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ނިންމެވުމަކީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމުމެއް ކަމަށެވެ.

ލައިސަންސް ޚިދުމަތުގެ ފީ ސީދާ ކައުންސިލަށް ލިބޭގޮތަށް ނިންމިކަން އިއުލާންކޮށްފައިވަނީ މިއަދު  ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބޭއްވި ނުސްވެރިންގެ ބައްދަލުވެއްގައެވެ. މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ މަންފާ، އެ ކައުންސިލަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ކައުންސިލްތަކުގައި އެބައޮތްކަމަށެވެ.

އެހެންކަމުން އެކަން ޙައްލުކޮށްދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

މިކަން ތަންފީޒުކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!