ޚަބަރު

އަތޮޅުތަކަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
އަތޮޚުތަކަށް ވޯޓު ކަރުދާސް ފޮނުވުމުގެ ތެރެއިން/ ފޮޓޯ: އީސީ

އަންނަ ހަފްތާގެ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާހާއި އެހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ.

Ads by STELCO

އީސީން ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި އަލަށް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވި ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިހާބަށް، އިދާރީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނޭ ވޯޓުލާ މަރުކަޒަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ރޭ ފަތިހު ފަށާފައިވާއިރު އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގެ އިތުރުން މ އަތޮޅުގެ އަތޮޅު ވެރިކަން ކުރާ ރަށްތަކަށް ވޯޓުލާން ބޭނުންވާ ތަކެތި ކަނޑުމަގުން ފޮނުވާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުން ތ، ލ، ގއ، ގދ އަދި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ގައި ވޯޓުލާން ބޭނުންވާ ހުުރިހާ ތަކެތި މިއަދުގެ ވަގުތެއްގައި ވައިގެ މަގުން ފޮނުވާ ނިންމާލެވޭނެ ކަމަށެވެ.

''ށ، ނ، ރ، ބ، ފިޔަވާ އެހެން ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށްތަކަށް މިއަދު 5:30އާ ހަމަޔަށް ގެންގޮސް ނިންމާލެވޭނެ'' ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ތިން އަތޮޅަށް، ވޯޓުލާން ބޭނުންވާ ތަކެތި މާދަމާގެ ވަގުތެއްގައި ފޮނުވައި ނިންމާލެވޭނެ ކަމަށެވެ. އީސީން ލަފާކުރާ ގޮތުން އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތަކަށް ފޮނުވާ ތަކެއްޗާ އެކު ހުކުރު ދުވަހުގެ ހެނދުނު، ވޯޓުލާ މަރުކަޒުތައް ގާއިމްކުރާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވައި ނިންމާލެވޭނެއެވެ.

އަދި ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތުގައި ރިސޯޓުތަކާއި ސިނާއީ ތަންތަނަށް ފޮނުވަން ޖެހޭ ތަކެއްޗާއި ބޭރުގައި ވޯޓު ފޮށިތައް ބަހައްޓާ ތިން ގައުމު ކަމަށްވާ ސްރީލަންކާ، މެލޭޝިޔާ އަދި އިންޑިއާ ގައި ވޯޓުލާން ބޭނުންވާ ތަކެތި ފޮނުވައި ނިންމާލެވޭނެއެވެ.

މި އިންތިހާބުގައި ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!