މޫސުމަށް ބަލައި ވޯޓުލާ ވަގުތު އިތުރުކޮށްދޭން އެދިއްޖެ
އަންނަ ހަފްތާގެ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އެއް ގަޑިއިރު އިތުރުކުރަން ސިޔާސީ ޕާޓީތަކާއި މިނިވަން މުއައްސާސަތާކުން އިލެކްޝަން ކޮމިޝަން ގައި އެދިއްޖެއެވެ.
މިހާރު ތާވަލުކޮށްފައި އޮތް ގޮތުންނަމަ ވޯޓުލުން ކުރިއަށްދާނީ 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައެވެ.
މިހާރު ކުރިއަށްދާ ގައުމީ ލަފާދޭ ކޮމިޓީގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވޯޓުލާ ދުވަސް ކަމަށްވާ އާދިއްތަ ދުވަހަކީ ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަހެއްކަން ލަފާކޮށްފައިވާއިރު އެ ދުވަހު ވޯޓުލާ ގަޑިއަަށް ބަދަލެއް ގެނައުމަށް ބައްދަލުވުމުގައި ގޮތެއް ނިންމަން ބޭނުންވާ ކަމަށެވެ.
މީގެ ކުރީގެ ބައެއް އިންތިހާބުތަކުގައި މޫސުން ގޯސްވެ، ވާރޭވެހިގެން ވޯޓުލާ ގަޑި އެއް ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންވެ އޭނާ ފުރުސަތު ހުޅުވާލީ އެކަމުގައި އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ހިޔާލު ހޯދަންށެވެ.
ސަރުކާރު ހިންގާ ޕީޕީއެމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވީ މޫސުމަށް ބަލައި ވަގުތު އިތުރުކޮށްލަން ފެންނަ ކަމަށެވެ. އެއީ މި ދުވަސްވަަރަކީ ހޫނުގަދަ ދުވަސް ވަރަކަށްވާތީވެ އެކަމުގެ ސަބަބުން މެންދުރު ވޯޓުލާންދާ މީހުން މަދުވާނެތީވެ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ބައްދަލުވުމުގައި އޭސީސީއާ، ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕީޖީ އޮފީހުގެ އިތުރުން ފުލުހުންގެ ފަރާތުންވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ތާއިދުކުރެއްވީ ވަގުތު އިތުރުކުުރުމަށެވެ.
''ވަގުތު އިތުރުކޮށްފިއްޔާ ވޯޓާސް ޓާން އައުޓް ހަމަ ރަނގަޅުވެގެން ހިނގައިދާނޭ، އެއީ ހަވީރުގެ ފިންޏާ ދިމާކޮށް ގިނަ މީހުން މީހުން ވޯޓުލާން ނިކުންނަނީ މެންދުރުގެ ވަރަށް ހޫނުގަދަ ދުވަސްވަރަކަށްވާތީވޭ'' އޭސީޕީ އަބްދުއްރަހުމާން ވިދާޅުވިއެވެ.
މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެ އެވެ.