ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވަކި އެޖެންޑާ އެއްގައި މަސައްކަތްކުރާ ބަޔަކު ހިޔާރުކޮށް، ރިސްކެތް ނަގަންވީ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމްގެ ޓިކެޓުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭނު ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަޖިލީހުގައި ވަކި އެޖެންޑާތަކެއްގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ހިޔާރުކޮށްފިނަމަ، ރައްޔިތުންނަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދެއްވުން ފަދަ ވައުދުތައް ފުއްދައި ނުދެވޭނެ ކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކަށް ވެސް އެއް ހައުސިންގް ޔުނިޓްގެ ޔަގީންކަން ހާސިލްކުރަން ބޭނުންވާނަމަ، އެކަމަށް އެއްބާރުލުން ދޭނެ ބަޔަކު ހިޔާރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި މުހިންމު ހައްސާސް މައްސަލަ ބާރު ސްޕީޑުގައި ގެންގޮސް، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ކޮންމެ މީހަކަށްވެސް މަދުވެގެން އެއް ބޯހިޔާވަހިކަމުގެ ޔަގީންކަން. އެއް ހައުސިން ޔުނިޓް. އެ ޔަގީންކަން ހާސިލް ނުކުރެވޭނެ މި ވިސްނުމާއި އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ތިބޭފުޅުން ހިޔާރުނުކޮށެއް. ދެން މިކަމުގައި އަޅުގަނޑުމެން ރިސްކެއް ނަގަންވީ އެއްވެސް ސަބަބެއް އެބޮތްތޯ،
މުޅި ރާއްޖެ އާއި، މާލޭގެ ރައްޔިތުންނަށް ވެސް މުހިންމު ވެފައިވަނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަމަށާއި، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްކުރާ ކެންޑިޑޭޓުން ހިޔާރުކުރެއްވުމުން އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, ބޭނުންފުޅުވަނީ މަސައްކަތް ބާރު ސްޕީޑުގައި ގެންގޮސް މައްސަލަ ހައްލުކުރުން ކަމަށެވެ. އޭގެ ބަދަލުގައި، ސަރުކާރުން ބިލެއް ހުށަހެޅުމުން ބޭރުކޮށް، ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް ބޭރުގެ އެހީއަކަށް އެދުމަށް ހުއްދައަށް އެދުމުން އެކަން އެޖެންޑާ ނުކޮށްދީ، އެކި ގޮތްގޮތުން އުނދަގޫކުރާ ބަޔަކަށް މަޖިލިސް ދޭން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރު އެމްޑީޕީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީއޮވެ، މާލެއަށް ދިމާވެފައިވާ ދަތިތަަކަށް ހައްލު ހޯދައިދީފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަން ފަށާފައިވަނީ ދައުރު ފަހުކޮޅު ކަމަށާއި، އެހެންކަމުން، މިނިވަންކަމާއެކު، އަމިއްލަ ވިސްނުމުން ވިސްނައިފި ކޮންމެ ރައްޔިތަކަށް ވެސް އެގޮތަށް މަޖިލިސް ދޫކޮށްލަންވީ ސަބަބެއް ވިސްނެން ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.