ޚަބަރު

39 އަހަރަށްފަހު އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

Ads by STELCO

މިކަމަށްޓަކައި ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ޚާއްޞަ މި ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު އަދި، އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބްރުއަރީ 1985ގަ އެވެ. އޭނާ ސިފައިންގެ ހިދުމަތުން ރޭ ރިޓަޔާ ކުރެއްވީ 39 އަހަރު ސިފައިންގެއަށް ހިދުމަތް ކުރެއްވުމަށްފަހު، އުމުރުން 60 އަހަރު ފުރުމުންނެވެ.

ސިފައިންގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކޮށްދެއްވާފައިވާ އިޚުލާޞްތެރި އަގުހުރި ޚިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ.

މިގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަޤާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަޤާމު އަދާކުރައްވާފައިވެއެވެ.

ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި، ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތާއި، ކޮވިޑް-19 ގެ އާލަމީވަބާގެ ބޮޑު ކާރިސާގައި ރެއާއި ދުވާލު ސިފައިން ވަރުބަލިކަމެއްނެތި ދިވެހި ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ކުރެއްވި ޤައުމީ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!