ޚަބަރު

ގޭގައި ތިބެގެން އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ރެޖިސްޓްރީ ކުރުން ލާޒިމެއް ނޫން: އިކޮނޮމިކް މިނިސްޓްރީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް، ވިޔަފާރިއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމުން އިސްތިސްނާ ވެގެންވާ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފިއެެވެ.

Ads by Sosun Fihaara

ކާބޯތަކެތީގެ ޚިދުމަތް އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ފޯރުކޮށްދޭނަމަ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ.

އެޗްޕީއޭގެ އެނިންމުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.

މިރޭ ބޭއްވި ނޫސް ކޮންފަރަންސް ގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މަރިޔަމް ވިސާމް ވާހަކަ ދައްކަވަމުން ވިދާޅުވީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާ ވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންތައްތައް ކަމަށެވެ.

ވިސާމް ވިދާޅުވެފައިވަނީ މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށެވެ.

އެގޮތުން އެމިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރު ކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށެވެ.

ނަމަވެސް އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ) ގެ ދަށުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ އެ މަސައްކަތަކީ، ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލާ، ތިމާ އަމިއްލައަށް ކުރާ މަސައްކަތަކަށްވާނަމަ ކަމުގައި ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން އެމިނިސްޓްރީން ބުނެފައިވާ ގޮތުގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވޯކާޒް ނުވަތަ ސެލްފް-އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބަ އޮތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!